އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަށައަޅުއްވާނީ ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. މިކަން ރައީސް ހާމަކުރެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން ހުށަހަޅުއްވަނީ، 2026 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ދެތިން މަހުގެ ތެރޭގައި، މުޅި ރާއްޖޭގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށެވެ. މިއީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭ ބޮޑު މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ދެފުށް ފެންނަ ގޮތަށް، ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 20 އަހަރުގެ ތަރައްޤީގެ މާސްޓާ ޕްލޭން އެކުލަވާލެއްވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށާއި، މިކަމަށްޓަކައި ޓީމްތައް ރަށްރަށަށް ފޮނުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ، ސިޔާސީ ބަދަލުތަކާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތަކަށް ބަދަލު އަންނަ މިންވަރު ކުޑަކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަން ކަށަވަރުކުރެއްވުމަށް، 20 އަހަރުގެ ތަރައްޤީގެ މާސްޓާ ޕްލޭނާ ގުޅޭ ޤާނޫނެއްވެސް އެކުލަވާލަމުންދާ ކަމަށް ހާމަކުރެއްވިއެވެ.