މަސް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުލަކަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މ. ދިއްގަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، އެ ރަށަކީ މަސްވެރިކަން ކުރިއަރާފައިވާ ރަށަކަށްވާތީ މަސްވެރިންގެ ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި މަސްވެރިކަމުގެ މުޅި ސިނާއަތް ކުރިއަރުވައި ހަރުދަނާކުރުމަށް މަސްވެރިންގެ އަޑު ގާތުން އަހައި، އެކަންކަން ހައްލުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މަސް ގަންނަ އަގު 20 ރުފިޔާއަށް ހެދުމަށް މިފްކޯއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެކަމަށް ވަގުތު ނަގަނީ އެ ބައްދަލުވުންތައް ކުރިއަށްދާތީ ކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ކުރީގެ ސަރުކާރުން ނުދީ އޮތް 150 މިލިއަން ރުފިޔާގެ ބެކްލޮގް ހަމަޖައްސައިދީ، މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މިދިޔަ ޑިސެމްބަރުން ފެށިގެން ފައިސާ ދޫކުރަން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުވީ އެންމެ މުހިންމު ވައުދަކީ 20 ރުފިޔާގެ ވައުދު. އެއީ ވެސް ހަމަ ސަސްޓެއިނަބަލްކޮށް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދަން ބޭނުންވާ ކަމެއް. ހަމަ ނަމެއްގައި މާދަމާއިން ފެށިގެން 20 ރުފިޔާއޭ ބުނުމުން އަދި ކަމަކު ނުދޭ،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސް ގަންނަ އަގު ބޮޑުކުރުމުގެ ވައުދު ފުއްދާނީ، ހަމައެކަނި ނަމަކަށް ނޫން ކަމަށާއި، ތަރުތީބުކުރަން ޖެހޭ ކަންކަން ތަރުތީބުކޮށް، ސަރުކާރުގެ އެ ސިޔާސަތު ތަންފީޒުކުރަން ފަށާނީ މެދުނުކެނޑި ކުރިއަށްދާނެކަން ޔަގީންކުރުމަށްފަހު ކަމަށެވެ.