މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހާލަތާ ގުޅޭގޮތަށް ބަދަލުވުމަކީ އެއްވެސް ޤައުމެއްގެ ޤައުމީ ބުރައެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް މިނިސްޓަރު އޮފް ޓޫރިޒަމް، ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ “ކޮޕް30” ގެ ކުރިން ބޭއްވުނު “މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހާލަތާ ގުޅޭގޮތަށް ބަދަލުވުމާ ބެހޭ މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުން: އެޑެޕްޓޭޝަންގެ ތަންފީޒުކުރުމާއި އިންވެސްޓްމަންޓް އަވަސްކުރުން” މި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހާލަތާ ގުޅޭގޮތަށް ބަދަލުވުމުގެ މަސައްކަތްތައް އަވަސްކުރުމާއި، މިކަމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމެވެ.
“އެޑެޕްޓޭޝަން ނުވަތަ ހާލަތާ ގުޅޭގޮތަށް ބަދަލުވުމަކީ ޤައުމީ ބުރައެއް ނޫން، އެއީ ބައިނަލްއަޤްވާމީ ގޮންޖެހުމެއް،” މިނިސްޓަރު ޠާރިޤް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް މިކަމުގެ ހައްލުތައް އޮތީ ހަމައެކަނި އަމިއްލަ ސަރަހައްދުތަކުގައި ނޫން ކަމަށާއި، އެއީ ދުނިޔޭގެ ނިޒާމެއްގެ ތެރެއިން ހައްލުކުރަންޖެހޭ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ކުދި ރަށްވެހި ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، މިފަދަ ޤައުމުތަކަށް އެކަނި މި ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި، ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.