ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ގެދޮރުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން އެޗްޑީސީން ޢިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިންގތައް ފަދަ ތަންތަން ބަލައި ފާސްކޮށް، އެ ތަންތަން ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ވަޒަންކުރާނެއެވެ. އަދި މިފަދަ ބައިތައް މަރާމާތުކޮށް މިންގަނޑުތަކަށް ފެއްތުމަށް އެހީތެރިކަން ބޭނުންވާ ރައްޔިތުން އެކަމަށް އެދި އެޗްޑީސީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މި އެހީތެރިކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ސެޕްޓެމްބަރު 30 ވާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ގޫގުލް ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. މި ފޯމު އެޗްޑީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެއެވެ.
އެޗްޑީސީން ބުނެފައިވަނީ ފޯމުތައް ހުށަހެޅުމުން، ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، ރައްކާތެރިކަމުގެ ޙާލަތު ރަނގަޅުކުރުމަށް ބޭނުންވާ މަރާމާތުތައް އެ ކޯޕަރޭޝަނުން ކޮށްދޭނެ ކަމަށެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ޢާއިލާތަކުގެ ރައްކާތެރިކަން ވަރުގަދަކުރުމާއި، ޢިމާރާތްތަކުގެ ނުރައްކާތެރި ބައިތަކުގެ ސަބަބުން ދިމާވެދާނެ ހިތާމަވެރި ހާދިސާތައް ހުއްޓުވުން ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.



