ހުޅުމާލޭގެ ސްވިމިންގ ޓްރެކް ސަރަހައްދުގެ ގޮނޑުދޮށުން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްދާއިރު، އެ ސަރަހައްދުގައި ތިބޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭން ޖެހޭތީ، މަސައްކަތްކުރާ ސަރަހައްދުގައި ހުރި ވިޔަފާރިތަކުގެ ތަކެއްޗާއި އާންމުން ބަހައްޓާފައި ހުރި ތަކެތި ވީ އެންމެ އަވަހަކަށް ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
“މަސައްކަތް ކުރިއަށްދާ މުއްދަތުގައި މި ސަރަހައްދަށް އާންމުން އައިސް ގޮސްވުމަކީ ރައްކާތެރިކަމެއް ނޫން. އެހެންކަމުން މި ސަރަހައްދަށް ނުވަދެ ތިބުމަށް އާންމުންގެ އަރިހުން އެދެން،” އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
މަސައްކަތް ކުރިއަށްދާނެ ސަރަހައްދު ފާހަގަކޮށް، އެ ސަރަހައްދުގެ ޗާޓެއް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ. އަދި މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލްކުރުމަށް ވަނީ އަންގާފައެވެ.