ތ. ވިލުފުށީގައި އަލަށް އަޅާ އެއާޕޯޓުގެ މަޝްރޫޢު ހިންގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށް، އެ މަޝްރޫޢުގެ އަމަލީ މަސައްކަތްފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހެނދުނު ވިލުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި އެމްއޭސީއެލްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އެމްއޭސީއެލްއިން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ވިލުފުށީގައި އަޅާ އެއާޕޯޓުގައި 1,800 މީޓަރުގެ ދިގު ރަންވޭއަކާއި ފުރިހަމަ ޓާމިނަލްއެއް އަދި އެއާޕޯޓަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހިމެނޭނެއެވެ. މި މަޝްރޫޢުގެ ދަށުން އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ވިލުފުށްޓަށް އެ މަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދެވެ. އަދި މި މަޝްރޫޢު ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.