ތ. ވިލުފުށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ މިއަދު އަޅައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީގެ އިތުރުން، ރަށުގެ މެންބަރާއި ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި ހޮސްޕިޓަލަކީ ވިލުފުށީގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިމާރާތްކުރާ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި ހޮސްޕިޓަލް އިމާރާތްކުރުމަކީ ސަރުކާރުން ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު މަޝްރޫޢެކެވެ. މި ހޮސްޕިޓަލް ނިމުމުން ވިލުފުށީގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މީގެ ފައިދާ ކުރާނެއެވެ.