ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ޑުސިޓް ސަރަހައްދުގައި ހުންނަ ވަޖީރާ ހޮސްޕިޓަލްގެ ކުރިމަތިން އިއްޔެ ހެނދުނު ބިންގަނޑު ގަނބައިގެން ބޮޑު ވަޅުގަނޑެއް ހެދި، އެ ސަރަހައްދުން މީހުން އެހެން ތަންތަނަށް ބަދަލުކޮށް މަގު ބަންދުކުރަން ޖެހިއްޖެއެވެ.
މި ހާދިސާ ހިނގީ އިއްޔެ ހެނދުނު 7:15 ހާއިރުއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ދައްކާގޮތުގައި މަގުގެ މުޅި ފުޅާމިނަށް ވަޅުގަނޑު ހުޅުވި، ހުދު ޕިކަޕެއް ވަޅުގަނޑުގެ ތުންފަތްމަތީގައި ހުއްޓިފައިވެއެވެ. އޭއެފްޕީގެ ނޫސްވެރިން ބުނާގޮތުގައި މި ވަޅުގަނޑަކީ 50 މީޓަރުގެ ވަޅުގަނޑެކެވެ. މި ވަޅުގަނޑުގެ ސަބަބުން ކަރަންޓް ވިއުގަ ވަނީ ވެއްޓި، ފެން ހޮޅިއެއް ފަޅައިގެން ގޮސްފައެވެ.
ބެންކޮކްގެ ގަވަރުނަރު ޗަޑްޗަޓް ސިޓިޕަންޓް ތައި މީޑިއާއަށް މައުލޫމާތު ދެއްވިގޮތުގައި މި ވަޅުގަނޑު ހުޅުވުނީ އެމްއާރްޓީ ސްޓޭޝަނެއްގެ މަސައްކަތް ކުރަމުންދާ ސަރަހައްދެއްގައި ހުރި ޓަނަލްއަކުން ފެން ލީކްވުމުގެ ސަބަބުންނެވެ. ބެންކޮކްގެ ޑިޒާސްޓަރ ޕްރިވެންޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ސުރިޔަޗައި ރަވިވަން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ފަހަކަށް އައިސް ވެހުނު ބޯވާރޭއާއި ފެންހޮޅި ލީކްވުމުގެ ސަބަބުން ކަމަށެވެ.
ތައިލެންޑްގެ ބޮޑުވަޒީރު އަނުޓިން ޗަންވިރަކުލް ވަނީ މި ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ. އެމަނިކުފާނު ނޫސްވެރިންނަށް ވިދާޅުވީ މިކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، ނުރައްކާތެރި ސަރަހައްދުތަކުން މީހުން އެހެން ތަންތަނަށް ބަދަލުކުރުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ. އަދި މި ވަޅުގަނޑު މަރާމާތުކުރުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ސަރަހައްދުގައި ހުރި ފުލުހުންގެ މަރުކަޒު ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ. އަދި ވަޅުގަނޑަށް ވެއްޓުނު އުޅަނދު ނެގުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައެވެ. މި ހާދިސާ ހައްލުކުރުމަށް 50،000 ވެލިކޮތަޅު ބޭނުންކޮށްގެން ޓަނަލްއަށް ފެން ވަނުން ހުއްޓުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ބިން ހަރުކުރުމަށް ކޮންކްރީޓް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ގަވަރުނަރު ވިދާޅުވެފައިވެއެވެ.