ހުޅުމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ދެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ބެލެވޭ 24.06 ގްރާމްގެ އިތުރުން 363 ގުޅަ މަނާބޭސް (37.6 ގްރާމް) ފެނުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4,500 ރުފިޔާއަށް ވުރެ ގިނަ ފައިސާވެސް އެތަނުން ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ށ. ފޭދޫ، މާވަސްގެ، އަޙްމަދު ސައްފާން (26 އަހަރު)، މާލެ، ހމ. މާވަހަރު، ޝާނާ (32 އަހަރު)، އަދި ބަންގްލަދޭޝްގެ ދެ ރައްޔިތެއް ކަމަށްވާ ފާރޫކް ޗޮކީދާރު (50 އަހަރު) އާއި ސަފިކް (40 އަހަރު) އެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝާނާގެ ބަންދުގެ މުއްދަތުގެ ގޮތުގައި 10 ދުވަސް ނަގާފައިވާއިރު، އެހެން ތިން މީހުންގެ ބަންދުގެ މުއްދަތުގެ ގޮތުގައި 15 ދުވަސް ނަގާފައިވެއެވެ.