މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ (އެމްބީސީ) މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ. މިގޮތުން ހުޅުވާލާފައި ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެމްބަރުން ހޯދުމަށެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އެމްބީސީގެ ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، އަނެއް ހަތަރު މެންބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ފޯމު ހުށަހަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ ޕޯޓް ކޮމްޕްލެކްސްގެ ފަސް ވަނަ ފަންގިފިލާއަށް ކަމަށެވެ.
އެމްބީސީގެ އިންތިޚާބު 2025 ގެ ވޯޓު ނެގުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 16:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.