ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އައު އިމާރާތް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
185.6 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނީ ސިއްހީ ވުޒާރާގައެވެ. އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ގާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުލް ރަހްމާން ޔޫސުފެވެ.
50 އެނދުގެ މި އައު ހޮސްޕިޓަލް އިމާރާތުގައި ސާވިސް ބިލްޑިންގއެއް ވެސް ހިމެނޭނެއެވެ. މީގެ އިތުރުން މި ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއަކާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ޤާއިމްކުރެވޭނެއެވެ. ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގައި އެކްސްރޭ، ސީޓީ، އެމްއާރުއައި، މެމޮގްރަފީ އަދި އަލްޓްރާސައުންޑް ސްކޭން ހިމެނޭނެއެވެ.
މި ހޮސްޕިޓަލުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓެއް ވެސް ހިމެނޭނެއެވެ. ސިއްހީ ވުޒާރާއިން ބުނީ މި ހޮސްޕިޓަލަކީ ޒަމާނީ ފެންވަރަކަށް ޤާއިމްކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލް އިމާރާތެއް ކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 780 ދުވަހުގެ މުއްދަތެކެވެ.