ރަށްރަށުގައި ސަރުކާރުން އަޅަމުންދާ ހައުސިން ޔުނިޓްތަކާއި ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު 20،000 ރުފިޔާއިން 10،000 ރުފިޔާއަށް ކުޑަކުރަން ނިންމައިފިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ.
ރައީސް މި ކަން އިއުލާންކުރެއްވީ ހަތަރު އަތޮޅަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ރޭ ތ. ތިމަރަފުށީގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ނިންމުން ނިންމެވީ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓް ބޮޑުކަމަށް ބައެއް ރަށްރަށުގެ ރައްޔިތުން ފާހަގަކުރަމުންދާތީ އެވެ. އަދި މި ބަދަލާ އެކު މަހު ކުލި ވެސް 5،000 ރުފިޔާއިން 3،333 ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ކުލި ދައްކައި ހަލާސްކުރަން ދޭ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑް ގުނަން ފަށާނީ ގެތަކަށް ވަދެވޭ ހިސާބުން ފެށިގެންނެވެ. މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތަކާއި ފްލެޓްތައް އަޅަމުންދާއިރު، އިތުރު މަޝްރޫއުތަކެއް ފެށުމަށް ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ.