ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިއްޖެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ. މިގޮތުން އެ އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފަށައިފައިވަނީ ތ. އޮމަދޫގައެވެ.
އޮމަދޫގައި ޤާއިމްކުރެވުނު ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސިނާންގެ އިތުރުން ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޚިދުމަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންކަން ފާހަގަކުރެވެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އޮމަދޫގައި ޕޮލިސް ޑެސްކުގެ ޚިދުމަތް ތަޢާރަފުވުމާއެކު، ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ހާމަކުރި ގޮތުގައި މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ. މިހާރު ރާއްޖޭގެ 5 އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެކެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި، މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައި ނުވާ ރަށްރަށުގައި އެ ޚިދުމަތް ފެށްޓެވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.