ވިލިމާލޭ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) ހުޅުމާލެ ފޭސް 1 ސެންޓްރަލް ޕާކުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަހުގެ 25ވަނަ ދުވަހު ހެނދުނު ހުޅުމާލެ ފޭސް 1ގެ ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއެވެ. އެގޮތުން ބަލައިފާސްކުރިއިރު، އޭނާގެ އަތުން 7000 ރުފިޔާއަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި 100 ޑޮލަރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ އަދި މޯބައިލް ފޯނަކާއި އެހެނިހެން ތަކެތި ވަނީ ފެނިފައެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ތަކެއްޗަކީ މި މަހުގެ 25ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ވިލިމާލޭ ގެއަކުން އޭނާ ވަގަށް ނަގާފައިވާ ތަކެއްޗެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެ ދުވަހުގެ ފަތިހު 5:39 އެހައިކަށްހާއިރުއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.