އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ އެކު މަޝްވަރާތަކެއް ކުރުމަށްފަހު، ޣައްޒާގެ ހަނގުރާމަ ނިންމުމަށް 20 ނުކުތާގެ ސުލްހައިގެ ޕްލޭނެއް ހުށަހަޅުއްވާފައެވެ. .
ހަމާސް ހަތިޔާރު މަދުކުރުމަށް ގޮވާލާފައިވާ މި އައު ހުށަހެޅުމަށް، ވެސްޓް ބޭންކުގައި ވެރިކަން ކުރާ ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އާއި ސަރަހައްދުގެ ބައެއް އަރަބި ގައުމުތަކުން ވަނީ ތަރުހީބު ދީފައެވެ.
އަދި ހަމާސްއިން ބުނެފައިވަނީ އެމެރިކާގެ ހުށަހެޅުން “ހެޔޮ ނިޔަތުގައި” ދިރާސާކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ފަލަސްތީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) އިން ބުނެފައިވަނީ މި ޕްލޭނަކީ “ސަރަހައްދު ގޮއްވާލުމުގެ ރެސިޕީއެއް” ކަމަށެވެ.
ފަލަސްތީނު އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ ހަނގުރާމަ ނިންމުމަށް ކުރެވޭ ތެދުވެރި އަދި ބުރަ މަސައްކަތްތަކަށް މަރުހަބާ ކިޔާ ކަމަށާއި،”ސުލްހައިގެ މަގެއް ހޯދުމުގެ ޤާބިލުކަން ހުރިކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އަދި ޕީއޭއިން ވަނީ ޣައްޒާއަށް އެކަށީގެންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ހަނގުރާމައިގެ ބަންދީން ދޫކޮށްލުމާއި، ފަލަސްތީނު ރައްޔިތުން ހިމާޔަތްކުރުމުގެ ނިޒާމުތައް ޤާއިމުކުރުމާއި، ހުއްޓުން އަދި ދެފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެރިކާއާއި، ސަރަހައްދުގެ ގައުމުތަކާއި، އެހެނިހެން ބައިވެރިންނާއެކު މަސައްކަތްކުރުމުގެ އެއްބަސްވުން ފާޅުކޮށްފައެވެ.