މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އަލަށް އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން އެކުލަވައިލުމަށް ހަމަޖެހިފައިވާ ހަތް މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށްގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
މި މަގާމުތަކަކީ ފަސް އަހަރުގެ ދައުރަކަށް ޢައްޔަންކުރެވޭ މަގާމުތަކެކެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، މި މަގާމުތަކަށް ކުރިމަތިލެވޭނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށެވެ.
މަގާމުގެ ޝަރުތުތައް:
ދިވެހި ރައްޔިތަކަށްވުން
އުމުރުން 30 އަހަރު ވެފައިވުން
ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން
މީޑިއާގެ މަސްއޫލުވެރި ފަރާތެއްކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކުކަމުގައި ނުވުން
ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން
ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން
އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެކުށް ސާބިތުވެފައިވާ މީހަކަށް ނުވުން
ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ނުވުން
ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން
ކޮމިއުނިކޭޝަން މީޑިއާގެ ހިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހަކަށް ނުވުން
މީޑިއާތަކުގެ މެދުގައި ވޯޓު ނަގައިގެން އިންތިހާބުކުރާ ހަތަރު މެންބަރުންގެ އިންތިހާބު ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ.