ކަނޑުމަތީގެ އެކިއެކި ހާދިސާތައް އިތުރުވަމުންދާތީ, އެމްއެންޑީއެފުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވުމުން، ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވަމުން ދާތީ ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
މުޅި ރާއްޖޭގައިހެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ކަނޑު ދަތުރުކުރާ އުޅަނދުތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކޮށްފައި ވޭތޯ އެމްއެންޑީއެފުން އަންނަނީ ބަލަމުންނެވެ.
އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ އެ އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް ޗެކްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފުން ބުނީ އެގޮތަށް ބަލައިފާސް ކުރުމަށް ފަހުގައި, ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހަދާފައިވާ ކަނޑުމަތީގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.