އެކުވެރި ގައުމުތަކަށް ބޭނުންވާ ތަރައްގީ ހާސިލްކޮށްދިނުމަށް ޗައިނާއިން އިސްކަމެއް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރެވޭ ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެ ގައުމުގެ ރައީސް ޝީ ޖިންޕިން އާއި ސަރުކާރުގެ އިސް ފަރާތްތަކާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިއަދު ފާހަގަކުރެވެނީ ތަރައްގީވެފައިވާ ޗައިނާއެކެވެ. އަދި މި ދުވަހުން ހާމަކޮށްދެނީ ޗައިނާ ރައްޔިތުންގެ ބާރާއި ހިތްވަރު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
“ދެ ގައުމަށް ފައިދާވާނެ ދާއިރާތަކުން އެކުވެރި ގައުމުތަކަށް ތަރައްގީ ހާސިލްކޮށްދިނުމަށް ޗައިނާއިން އިސްކަމެއްދޭ” ކަމަށް ރައީސް ވިދާޅުވިއެވެ.
ޗައިނާގެ 76 ވަނަ ގައުމީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތީ ރަހްމަތްތެރިކަމަށް ވުރެ ބޮޑު ގުޅުމެއް ކަމަށެވެ. އަދި މި ގުޅުން ބިނާވެފައި އޮތީ އެއްބަސްވުންތަކުގެ މައްޗަށް އެކަނި ނޫން ކަމަށާއި، ހަނދާންތަކާއި ހިއްސާކުރެވޭ ދަތުރުތަކާއެކު ހަގީގީ ރަހްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އުންމީދު ކުރައްވާ ކަމަށް ވިދާޅުވީ ރާއްޖެ-ޗައިނާ ގުޅުން އިތުރު އާ އުސްމިންތަކަށް ދިއުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިޔާސީ، ވިޔަފާރި، ސަގާފަތާއި ތައުލީމީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.