މާލެ ސަރަހައްދުގައި 3،000 ފްލެޓް އެޅުމުގެ މަޝްރޫޢެއް މިއަހަރު ނިމުމުގެ ކުރިން ފަށްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިޢުލާންކުރައްވައިފިއެވެ. ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހަމަޖެހިފައިވާ 4،000 ހައުސިންގ ޔުނިޓުގެ އިތުރުން ފެށުމަށް ނިންމާފައިވާ މަޝްރޫޢެއް ކަމަށެވެ.
“ދާދި އަވަހަށް، ހަމަ މިއަހަރުތެރޭގައި މާލޭގައި، އެންމެ މަދުވެގެން 3،000 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް މި މާލެ ސިޓީގައި މިއަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން ފަށާނަން” ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ފެށުމަށް ކުރަންޖެހޭ ތައްޔާރީތައް މިހާރު ނިމެމުންދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފައްޓަވައިދެއްވައި، ގޯތިތަކުގައި ގެދޮރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން ވާރުތަކުރި ހަލާކުވެފައިވާ އިޤްތިޞާދު ނަގައި ކޮޅަށްޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑެއްގައި ކަމަށެވެ. އަދި ރާއްޖޭގެ އެކުވެރި ޤައުމުތަކުގެ އެހީތެރިކަން ފުރިހަމައަށް ލިބެމުންދާ ކަމަށާއި، ދަރަނިތައްވެސް އަދާކުރަމުންދާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.