ޤައުމުގެ މުސްތަޤުބަލް ބިނާކުރުމުގައި އެންމެ މުހިންމު އެއް ކަމަކީ އިސްލާމްދީނާއި ޤައުމަށް ވަފާތެރި ޒުވާނުން ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޒުވާނުންގެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ޤައުމަށް އެންމެ ބޮޑަށް ބޭނުންވަނީ ހުނަރުވެރި އަދި ފަޚުރުވެރި ޒުވާނުން ކަމަށެވެ. އަދި އެފަދަ ޒުވާނުން ބިނާކުރުމަކީ އެތައް ބުރިއެއްގެ އިމާރާތްތައް ބިނާކުރުމަށްވުރެ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.
“މިއަދު އަޅުގަނޑުމެންނަށް ބޭނުންވަނީ އިސްލާމްދީނާއި ޤައުމަށް ވަފާތެރި، ހުނަރުވެރި އަދި ފަންނުވެރި ޒުވާނުން. އެއީ ޤައުމުގެ މުސްތަޤުބަލް ބިނާކުރެވޭނީ އެފަދަ ޒުވާނުންގެ އަތްމައްޗަށް ކަމަށްވާތީ،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ޒުވާނުންގެ ތަރައްޤީއަށް ޚާއްސަ އިސްކަމެއް ދެމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމަށް އިތުރު ޕްރޮގްރާމްތައް ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.