ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ގެންދިޔަ “ގްލޯބަލް ސުމޫދު ފްލޮޓިލާ” ބައިނަލްއަޤްވާމީ ކަނޑުގައި ދަނިކޮށް އިޒްރޭލުން ހުއްޓުވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ހަތިޔާރު ނުހިމެނޭ އަދި އިންސާނީ އެހީ އެކަނި އުފުލާ އުޅަނދުތަކެއް ހުއްޓުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިނިވަންކަމާއި އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިވާ ބަޔަކަށް އެހީ ފޯރުކޮށްދޭން ދިޔަ އުޅަނދުތަކަކަށް މިފަދަ ގޮތަކަށް އަމަލުކުރުމަކީ އިންސާނިއްޔަތާ ޚިލާފު އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
އިޒްރޭލުން އިންސާނީ ކަރާމާތަށް އިހުތިރާމް ނުކުރާކަމަށާއި، އެއްވެސް ރަހުމްކުޅައުމެއް ނެތި ކުރަމުންދާ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކާ އެ ޤައުމު އިތުރަށް އެކަހެރިވަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުން ތަކުރާރުކޮށް ކުރަމުންދާ އަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސް މުޢިއްޒު ގޮވާލެއްވިއެވެ. އަދި މި އަމަލުތަކަކީ އިންސާނިއްޔަތުކަމުގެ އަޚްލާޤީ މިންގަނޑުތަކުން ވެސް ބޭރު ކަންތައްތަކެއް ކަމުގައި ވިދާޅުވިއެވެ.
ފަލަސްޠީނު ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި، އިންސާފާއި، ސުލްޙައާއި އަމާންކަމަށް ކުރާ ހައްގު ނިޒާލުގައި ދިވެހިރާއްޖެއިން އެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިހުންނާނެ ކަމަށް ރައީސް މުޢިއްޒު އިތުރަށް ވިދާޅުވިއެވެ.