ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.
“މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދެން. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ އެންމެހައި ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން” ފުލުހުން ވިދާޅުވިއެވެ.
އޮޕަރޭޝަންގައި މާލޭގައި ބަންދު ކުރާނެ ސަރަހައްދުތައް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.
ފުލުހުންގެ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވާއިރު މިރެއިން ފެށިގެން ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދިޔުމަށް އިދިކޮޅު އެމްޑީޕީން ވަނީ ނިންމާފައެވެ. އެ މުޒާހަރާއާ ގުޅިގެން ފުލުހުން މީގެ ދެ ދުވަސް ކުރިން ވިދާޅުވީ، އެމްޑީޕީ އެއްވުމުގަައި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.