އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި “ލޫޓުވައިފި” އެއްވުމުގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވެގެން ފަރުވާދޭންޖެހުނު ކަމަށް ފުލުހުންގެ އިދާރާއިން މިރޭ ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވަނީ އަނިޔާވި ތިން ފުލުހުންގެ ތެރޭގައި އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުން ހިމެނޭ ކަމަށެވެ. އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓި، އެ ފުލުސް މީހާގެ ގައިމަތިން އެއްވުމުގެ ބައެއް ބައިވެރިން ހިނގުމުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވަނީ ބެރިކޭޑުން ޖެހުމުން ކަމަށާއި އަނެއް ފިރިހެން ފުލުހަށް އަނިޔާވީ ޝީލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަނިޔާވި ފުލުހުންގެ ތެރެއިން ދެ ފުލުހަކަށް ސެނަހިޔާ ހޮސްޕިޓަލުން ފަރުވާ ދިން އިރު، އަނެއް ފުލުސް މީހާއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރޭގެ އިހުތިޖާޖު ފެށި، މަޖީދީމަގަށް ނިކުންނަން މަސައްކަތްކުރުމާއެކު ސަތޭކައެއްހައި ފުލުހުން އެއްވެ، ޝީލްޑް ޖަހައި މަގު ބަންދުކުރިއެވެ. އަދި އިހުތިޖާޖުގެ ކުރީ ސަފުގައި ތިބި ބައިވެރިންނާއި، ޝީލްޑު ހިފައިގެން ތިބި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގައި، ޕެޕާ ސްޕްރޭ ވެސް ބޭނުންކުރަން ޖެހުނެވެ.
ފުލުހުން ބުނާ ގޮތުގައި ރޭގެ އިހުތިޖާޖުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ބާރުގެ ބޭނުން ވެސް ކޮށްފައިވަނީ ގާނޫނު ހުއްދަކުރާ މިންވަރަށެވެ.