އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލުމަށްފަހުވެސް، ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 70 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާކަމަށް ސިއްހީ މަސްދަރުތަކުން ބުނެފިއެވެ. މިއީ ހަމާސްއިން ޓްރަމްޕްގެ 20 ނުކުތާގެ ހުށަހެޅުމަށް އެއްބަސްވެފައިވަނިކޮށް ދިން ހަމަލާތަކެކެވެ.
ހަނގުރާމައިގެ ސަބަބުން ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ޣައްޒާ ސިޓީގައި އިސްރާއީލު އަސްކަރިއްޔާގެ އޮޕަރޭޝަން ހަރުދަނާކޮށް، އެތައް މިލިއަން ރައްޔިތުންނެއް ދެކުނަށް ފިލަން މަޖުބޫރުވެފައިވާއިރު، ޝަހީދުވި 70 މީހުންގެ ތެރެއިން 45 މީހުން ޝަހީދުވި ޣައްޒާ ސިޓީގައެވެ. އެގޮތުން ޣައްޒާ ސިޓީގެ ތުއްފާހު ސަރަހައްދުގެ ރިހާއިޝީ އިމާރާތަކަށް ދިން ހަމަލާއެއްގައި 18 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ޓެލެގްރާމްގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި 2 މަހުން ފެށިގެން 8 އަހަރާ ހަމައަށް 7 ކުޑަކުދިން ހިމެނެއެވެ. މީގެއިތުރުން، އިސްރާއީލު އަސްކަރިއްޔާއިން “ރައްކާތެރި” ސަރަހައްދެއްކަމަށް ކަނޑައަޅާފައިވާ އަލް-މަވާސީގައި ހިންގި ހަމަލާއެއްގައި ދެ ކުޑަކުދިން ޝަހީދުވެ، 8 މީހުން ޒަހަމްވިއެވެ.
ޓްރަމްޕް ވަނީ ހަމާސްއަށް ގޮވާލައި، ބަންދުގައި ތިބި މީހުން ދޫކޮށް، ހަނގުރާމަ ނިންމުމަށް ހުށަހަޅާފައިވާ ޕްލޭނާ މެދު މަޝްވަރާކުރުން އަވަސްކުރުމަށް އެދިފައެވެ. އިސްރާއީލުން ވަނީ އިބްތިދާއީ “އަސްކަރިއްޔާ އަނބުރާ ގެންދިއުމުގެ ލައިން” އަކަށް އެއްބަސްވެފައިވާކަމަށާއި، މި މައުލޫމާތު ހަމާސްއާވެސް ހިއްސާކޮށްފައިވާކަމަށް ޓްރަމްޕް ބުނެފައިވެއެވެ.