ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ ފީތައް ގަވާއިދުން ދައްކާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ނިންމައިފިއެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިކަން އިއުލާނު ކުރައްވާފައިވަނީ، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ފީތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާތީއެވެ.
މި އިތުރުކުރުން އަމަލުކުރަން ފަށާނީ އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި އެއްބަސްވުމަށް ގެންނަ ބަދަލުތަކުގެ ތަފްސީލު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖް މެދުވެރިކޮށް ވަޒީފާދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވާފައިވެއެވެ.
ނަމަވެސް، އެ ވުޒާރާއިން ވިދާޅުވެފައިވާގޮތުގައި، މީގެ ކުރިން ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުސަތެއް ނުލިބޭނެއެވެ.