ހަލަބޮލިވަމުންދާ މި ދުނިޔޭގައި އަންހެނުންގެ ދުޅަހެޔޮކަމަށް އެކުވެރިންނާއެކު ހޭދަކުރާ ވަގުތުގެ މުހިންމުކަން ވަރަށް ބޮޑުކަމަށް އައު ދިރާސާއަކުން ދައްކައިފިއެވެ. ބެޒެލް ވައިންސްއިން ހެދި މި ދިރާސާގައި ދައްކާގޮތުން އަންހެނުން ކޮންމެ 22 ދުވަހަކުން އެއްފަހަރު އެކުވެރިންނާއެކު ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެކެވެ.
އެމެރިކާގެ 2،000 އަންހެނުންގެ މައްޗަށް ހެދި މި ދިރާސާގައި 78 އިންސައްތަ އަންހެނުން ބުނެފައިވަނީ “ގާލްސް ނައިޓް” އަކީ އެމީހުންގެ ހަކަތަ އައުކޮށް، ހިތްހަމަޖެހުން ލިބުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. މިފަދަ ބައްދަލުވުންތަކަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ބާއްވާ ކަމެއް ނޫންކަމާއި، ނަފްސާނީ ގޮތުން ހަމަޖެހުން ހޯދުމަށް މުހިންމު ކަމެއްކަން ދިރާސާއިން ހާމަވެއެވެ.
ދިރާސާއިން ދައްކާގޮތުގައި 62 އިންސައްތަ އަންހެނުން އިސްކަންދެނީ ލޯބިވާ މީހާއާއެކު ރޮމެންޓިކް ޑިނަރއަކަށް ދިއުމަށްވުރެ “ގާލްސް ނައިޓް” އަކަށެވެ. އަދި 83 އިންސައްތަ އަންހެނުން އިސްކަންދެނީ ރޭވިފައިވާ ހަރަކާތްތަކަށްވުރެ ހިތުގައި ހުރި ވާހަކަތައް ދެއްކުމަށެވެ. އެންމެ ގިނައިން ދެކެވޭ ވާހަކަތަކުގެ ތެރޭގައި ދިރިއުޅުމުގެ އަޕްޑޭޓްތައް (19%)، ގުޅުންތަކާ ބެހޭ ވާހަކަތައް (15%) އަދި އާއިލީ ޚަބަރުތައް (13%) ހިމެނެއެވެ.
“ގާލްސް ނައިޓް” ތަކުގައި އާންމުކޮށް ކުރާ ކަންތައްތަކުގެ ތެރޭގައި ފިލްމު ބެލުން (66%)، ޑާންސްކުރުން (55%) އަދި އެކުގައި ކެއްކުން (45%) ހިމެނެއެވެ. މިއިން ދޭހަވަނީ މިފަދަ ރޭތަކުގެ އެންމެ މުހިންމު ކަމަކީ ބޮޑެތި ޕްލޭންތައް ރޭވުމަށްވުރެ އެކުވެރިންނާއެކު ތަޖުރިބާތައް ހިއްސާކުރުންކަން ދިރާސާއިން ހާމަވެއެވެ.