ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީ ދިގުރަށަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަވާނެކަން އިޢުލާނުކުރައްވައިފިއެވެ. މީގެ ތެރޭގައި އެ ރަށުގެ މަގު ހެދުމުގެ މަޝްރޫޢާއި ސްކޫލުގެ އައު އިމާރާތުގެ މަޝްރޫޢު ހިމެނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ހިންގާ ރަށެއްގެ ހައިސިއްޔަތުން، ދިގުރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމު ކަމެކެވެ. “މި ދެ މަޝްރޫޢުވެސް ރައްޔިތުން އެންމެ އެދޭގޮތަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ސަރުކާރުގެ މުވައްޒަފުންނަށް އެކަމަޑޭޝަން ބްލޮކެއް، ފުޓުބޯޅަ ދަނޑެއް އަދި ކޮންވެންޝަން ސެންޓަރެއް ޤާއިމުކުރައްވާނެކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ޑޮލަރު އޭޓީއެމްއެއްވެސް ޤާއިމުކުރައްވާނެކަމަށް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއަށް ބަލާއިރު، ރަށުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ފުޅާކުރައްވާނެކަމަށާއި، މިސްކިތުގެ މަސައްކަތް އަވަސް ސްޕީޑެއްގައި ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް، މަދުވެގެން 50 ގޯތި ދޫކުރެވޭނެ ގޮތަށް ލޭންޑް ޔޫސް ޕްލޭން އިސްލާހުކުރައްވާނެކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. .