އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މިހާރު ކުރިއަށްދަނީ އެންމެފަހު މަރުހަލާގެ ތައްޔާރީތައްކަމަށާއި، އަންނަމަހު އެ މަޝްރޫޢު ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ދިއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާ ގިނަ ދުވަސްވީއިރުވެސް އެއްވެސް ސަރުކާރަކުން މިކަމަށް އެދެވޭ ހައްލެއް ގެނެސްނުދެވި އޮތްއޮތުމަކީ ރަށާމެދު ވެފައިވާ ވަރަށް ބޮޑު އިހުމާލެއްކަމަށެވެ.
ދިއްދޫ ބަނދަރުގެ ނެރުފައިކަށި މިހާރު ހުރިގޮތުން ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި ދަތިތަކެއް ހުރިކަމަށް ރަށު ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލައަށް ހައްލެއް ނުލިބި ސާޅީހަކަށް އަހަރު ވެފައިވާކަންވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ، ނެރުފައިކަށީގެ މައްސަލަ ހައްލުކުރުމަށްޓަކައި އޭގެ ޑިޒައިނާއި، އީއައިއޭ އެޕްރޫވަލް ހޯދުމަށް އީޕީއޭއާ ގުޅިގެން ބޭނުންވާ ދިރާސާތައް ކުރެވި، ރައްޔިތުން އެދޭ ފަދައިން ނެރުފައިކައްޓަށް ގެންނަންޖެހޭ ބަދަލު ސަރުކާރުގެ ފަރާތުން ގެނެސްދެއްވާނެކަމަށެވެ.