ދައުލަތުގެ ވަޒީރުން އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހެޅުން ލާޒިމުކުރުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި އިސްލާހު މަޖިލީހުން ބަލައިގަތީ، ޖަލްސާގައި ބައިވެރިވި 62 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހުގެ ދަށުން ކޮންމެ ވަޒީރަކު ވެސް އަހަރަކު އެއްފަހަރު، އެ މެންބަރެއްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ ހިސާބުކިތާބާއި ވިޔަފާރީގެ މަސްލަހަތާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާން، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭނެއެވެ. އަދި މި ބަޔާނަކީ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންޖެހޭނެއެވެ.
އިސްލާހުގައިވާ ގޮތުން، މާލީ ބަޔާން ހުށަހެޅުމަށް ދެވޭ 90 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، އެ ހުށަހަޅަންދެން ކޮންމެ ދުވަހެއްގެ މުސާރައަށްވާ އަދަދު އެ ވަޒީރެއްގެ މުސާރައިން އުނިކުރެވޭނެއެވެ.