ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ފަހު އަހަރު މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގެ އުސޫލު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ އާންމުކޮށްފިއެވެ.
އެލްޖީއޭ އިން އާންމުކުރި އުސޫލުގައި ވަނީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތުގައި، މުވައްޒަފުން ހޯދުމާއި ކައުންސިލްގެ އިހްތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ގޮތްތަކެވެ. މީގެ އިތުރުން ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ މަޝްރޫއުތައް ހިންގުމުގައި އަމަލުކުރާނެ ގޮތްތައް ވެސް މި އުސޫލުގައި ހިމަނާފައިވެއެވެ.
މި އުސޫލު އާންމުކޮށްފައި މިވަނީ މިދިޔަ އޮގަސްޓް 14 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ލާމަރުކަޒީ ގާނޫނުގެ 16 ވަނަ އިސްލާހުގެ ދަށުންނެވެ. އެ އިސްލާހުގައިވާ ގޮތުން ކައުންސިލްތަކުގެ ފަހު އަހަރު މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހެއެވެ.
އެލްޖީއޭ އިން މި އުސޫލު އާންމުކޮށްފައި މިވަނީ އުސޫލު ހަދަން ކަނޑައެޅި މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އުސޫލު އާންމުނުކުރާތީ ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. މި އުސޫލުގައި ކައުންސިލްތަކުން ހުއްދައަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.