ބޭރުގެ ބަސްބަހުން ލިޔެފައި ހުންނަ ދީނީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރުމަށްޓަކައި ދީނީ ޢިލްމުވެރިންގެ ޕޫލެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފި އެވެ. މި ޕޫލުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދީނީ ޢިލްމުވެރިން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، ޕޫލުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް forms.office.com މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް 9870144 ނަންބަރާ ގުޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ.
އިސްލާމީ ޢިލްމީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު ވަނީ ފުރަތަމަ ފޮތް ނެރެފައެވެ. އެއީ ޑރ. ވަހުބާ އައްޒުހައިލީ ލިޔުއްވާފައިވާ “އިސްލާމް ދީނުގައި ބައިނަލްއަޤުވާމީ ގުޅުންތައް” މި ފޮތެވެ. މި ފޮތް ދިވެހި ބަހަށް ތަރުޖަމާކުރެއްވީ އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން އިސްލާމީ ޝަރީޢަތާއި އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިންނާއި، ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނާއި ދީނީ ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ އިސްލާމީ ޢިލްމުގެ މުހިންމު ފޮތްތަކެއް ތަރުޖަމާކޮށް ނެރޭނެ އެވެ.