ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ދިޔަ ޤަތުލުއާންމު ހުއްޓާލުމަށް އެއްބަސްވެ ހަމަލާތައް މިހާރަށް ހުއްޓި ނަމަވެސް، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ވިސްނުމެއް ނެތްކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިދިޔަ އޭޕްރިލް މަހުގެ 15 ގައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރި ނިންމުމަކީ، އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގަމުން އައި ޤަތުލުއާންމު ހުއްޓާލަންދެން ދެމިއޮންނާނެ ނިންމުމެއްކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ. އަދި ގިނަ ގައުމުތަކުން ޤަބޫލުކުރާ “ޓޫ ސްޓޭޓް ސޮލިއުޝަން” އަކަށް ނާންނަހާ ހިނދަކު އެ ނިންމުން ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށް ވިދާޅުވިއެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމާ އެކު ޣައްޒާއިން އިޒްރޭލުގެ ސިފައިން ފައިބައި، އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަންކޮށް، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދޭން ފަށާނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި 67،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އެތައް ބައެއްގެ ގޮދޮރު ގެއްލި، މުޅި ސަރަހައްދުގައި ބަނޑުހައިހޫނުކަން ވަނީ އާންމުވެފައެވެ.