ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލް 1 އިން މެލޭޝިއާ އެއަރލައިންސްއަށް ޚިދުމަތްދޭން ފަށައިފިއެވެ. މިއީ މިއަހަރުގެ ޖުލައި 26 ގައި ހުޅުވުނު އައު ޓާމިނަލުން ޚިދުމަތް ދޭން ފަށާ އެންމެ ފަހު އެއަރލައިންއެވެ.
މެލޭޝިއާ އެއަރލައިންސްއަށް ޓާމިނަލް 1 އިން ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް އެއަރޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. މި ރަސްމިއްޔާތުގައި ފްލައިޓަށް ވޯޓަރ ސެލިއުޓެއް ދިނުމުގެ އިތުރުން، ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ފިނިފެންވެސް ބެހިއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޓާމިނަލް 1 ގައި 47 ޗެކިން ކައުންޓަރާއި، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސަރވިސް ކިއޮސްކް ހުރެއެވެ. އަދި 12 އެއިރޯ ބްރިޖްވެސް މި ޓާމިނަލްގައި ޤާއިމްކޮށްފައިވެއެވެ.
ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް އަންނަނީ އައު ޓާމިނަލަށް ބަދަލުކުރަމުންނެވެ. މިގޮތުން މިދިޔަ މަހު ބެއިޖިންގ ކެޕިޓަލް އެއަލައިންސް އަދި އިންޑިގޯ އެއަރލައިންވެސް ވަނީ ޓާމިނަލް 1 އިން ޚިދުމަތްދޭން ފަށާފައެވެ.