ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ކާރު އެކްސިޑެންޓްގައި ޤަތަރު ސަރުކާރުގެ ތިން އޮފިޝަލުން ނިޔާވެ، އިތުރު ދެ މީހަކަށް އަނިޔާވުމާ ގުޅިގެން ޤަތަރުގެ އަމީރު، ޝެއިޚް ތަމީމް ބިން ޙަމަދް އަލް ޘާނީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ސަމިޓަށް ތައްޔާރުވަމުންދިޔަ އަމީރީ ދިވާންގެ އޮފިޝަލުންނަށެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުން ހިތާމައެއް ފާޅުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ޤަތަރު ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ. އަދި ހާދިސާގައި ދިވެހި ރައްޔިތުން ތިބީ މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ހާމަކުރައްވާފައިވެއެވެ.
މީގެއިތުރުން، ނިޔާވި އޮފިޝަލުންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށާއި، ހާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވާކަން ވެސް މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ސަމިޓަކީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށްވެފައި، މި ހާދިސާއަކީ މި ދަނޑިވަޅުގައި ޤަތަރުގެ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.
ޝަރްމުއްޝައިޚްގައި ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުން ވެސް ވަނީ ޤަތަރުގެ އަމީރަށް ތަޢުޒިޔާ ދަންނަވާފައެވެ.