ށ. ފޭދޫގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. މިއަދު ހެނދުނު ށ. ފޭދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އަހަރެއްހާ ދުވަސްވެފައިވާ ސްކޫލު ތަރައްޤީ ކުރުމުގެ މަޝްރޫޢު އަވަހަށް ފެއްޓެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގުތައް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އަދި ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތުވެސް ރައީސް ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އަދި ރަށުގެ ޞިއްޙީ މަރުކަޒުން 24 ގަޑިއިރުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުވައްޒަފުން ހޯދުމުގެ ކަންކަން ހަމަޖެހި، ޚިދުމަތްތައް ފުޅާކުރުމަށް ތަރައްޤީކުރަންޖެހޭ އެކްސްޓެންޝަން ޢިމާރާތުގެ ކަންކަންވެސް ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން މިއަހަރު ތެރޭގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރެއްވުމާއި، ފުޓްސަލް އަދި ފުޓުބޯޅަ ދަނޑަށް އަޕްގްރޭޑްތައް ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށާއި، ރަށުގެ އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވާފައިވެއެވެ.