މިލަދުންމަޑުލު އުތުރުބުރީ ނަރުދޫއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލައަކީ ނަރުދަމާއާއި ބަނދަރުގެ މައްސަލަކަމަށް ފާހަގަކުރައްވައި، މިކަންކަމަށް އެންމެ އެދެވޭ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ނަރުދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި ފެނާއި ނަރުދަމާގެ ނިޒާމަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، މި މަސައްކަތް ފެނަކައިން އަލުން ފަށާނެ ކަމަށާއި، ނޮވެންބަރު މަހުގެ ތެރޭގައި މި މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ބަނދަރުގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބަނދަރު ބޮޑުކުރެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ބޮޑުކުރުމުގެ ހުއްދަ ކަމާބެހޭ ވުޒާރާއަށް ދެއްވާފައިވާ ކަމަށެވެ. އަދި މިކަމަށް ހިނގާނެ ޚަރަދަކީ މައްސަލައެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ރަށުގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ފެށިގެންދިޔައިރު، ސްކޫލުގެ އައު އިމާރާތެއް އެޅުމާއި، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. އަދި ރަށުން އިތުރު ގޯތި ދޫކުރުމުގެ ހުއްދަވެސް ލިބޭނެކަމުގެ އުންމީދު ރައްޔިތުންނަށް ދެއްވިއެވެ.