މާލެއިން ކ. އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މިއަދު ހެނދުނު ނިޔާވެފަ އޮއްވާ ފެނިއްޖެއެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާގައި “އަލްމާކް ފިޔަ” ނަމަކަށް ކިޔާ އުޅަނދު ބަންޑުން ޖަހާލިއިރު އޭގައި ހަތް މީހުން ތިބިކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ. އަދި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގެއްލުނު މީހާގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު 8:40 ހާއިރުގައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނެގި އެ ހަށިގަނޑު ނެގިއިރުވެސް އޮތީ ނިޔާވެފައެވެ.
މި ހާދިސާގައި ގެއްލުނު އިތުރު ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދުގައި މިހާރުވެސް ހަރަކާތްތެރިވަމުންދެއެވެ. އަދި ލޭންޑިންގ ކްރާފްޓް ވަނީ އަޑިއަށް ގޮސްފައިކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.