ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ކުރިއެރުންތައް ހޯދުމަށް ބޭއްވި ދުނިޔޭގެ ޒީރޯ ވޭސްޓް ފޯރަމްގައި ދިވެހިރާއްޖެއިން ގައުމީ ބަޔާން އިއްވައި، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތައް ހާމަކޮށްފިއެވެ.
ތުރުކީ ޖުމްހޫރިއްޔާގެ ފަސްޓް ލޭޑީ އަދި ޒީރޯ ވޭސްޓް ފައުންޑޭޝަންގެ ޝަރަފުވެރި ރައީސް، އެމިނެ އެރްދޯއަންގެ ލީޑަރޝިޕްގެ ދަށުން ކުރިއަށްދިޔަ މި ފޯރަމްގައި 63 ގައުމެއްގެ ތިމާވެށީގެ ވަޒީރުންނާއި މަންދޫބުން ބައިވެރިވެ، އެންމެ ފަހުގެ ހޯދުންތަކާއި ތަޖުރިބާތައް ހިއްސާކުރިއެވެ.
ދިވެހިރާއްޖެ ތަމްސީލުކުރެއްވި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމް ވަނީ ރާއްޖޭގެ ގައުމީ ބަޔާން އިއްވަވައި، ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، އެކަންކަމަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ރާއްޖެއަކީ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ކަންކަމުގެ ސަބަބުން އެންމެ ބޮޑަށް ހިރާސް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަން ފާހަގަކުރެއްވިއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ގިރާ ސަރަހައްދުތައް އިތުރުވުމާއި، އަދި ކުނި މެނޭޖްކުރުމުގެ ދަތިތަކަކީ ރާއްޖެއަށް ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތަކެވެ. މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، ޒީރޯ ވޭސްޓް އުސޫލުތަކަށް ބަރޯސާވެ، ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން ދެމުންދާ އިސްކަން ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބޭއްވުނު މި ފޯރަމްގައި، ކުނި މަދުކުރުމާއި، ކުނި ރިސައިކަލްކުރުމާއި، އަދި ތިމާވެއްޓަށް ގެއްލުން ނުލިބޭނެ ގޮތްތަކަށް އުފެއްދުންތައް ބައްޓަންކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.