ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ “ބާނި” ހަރަކާތުގައި އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި، ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 13 ރަށަކާއި 15 ރިސޯޓަކުން ޖުމްލަ 623 މީހުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ރިސޯޓު މުވައްޒަފުންނާއި، ފަތުރުވެރިންނާއި އެ އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު ހިމެނެއެވެ.
ބާނި އިވެންޓުގެ ބައިވެރިން ވަނީ ވިލިނގިލިފަރު ފިނޮޅާ ކައިރި އެކި ސަރަހައްދުތަކަށް ފީނާ ރެކޯޑު ގާއިމްކޮށްފައެވެ. މި ހަރަކާތަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ރެކޯޑް ގާއިމްކުރުމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ރާއްޖެއަށް ވަޑައިގެން ހުންނެވި މަންދޫބެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން މިކަމުގެ ޝަރަފުގެ ހަނދާނީ ފިލާ އަދި ކޮއިން ބ. އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވީ އެ ކޯޕަރޭޝަނުގެ މޭނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީއެވެ.
ބ. އޭދަފުއްޓާ 10 މިނެޓް ދުރުމިނުގައި އޮންނަ ވިލިނގިލިފަރު ފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރު ދޫނި ޖަމާވާ، އެކި ކުލަކުލައިގެ މުރަކަ އާއި ކަނޑުފަޅުގެ އެކި ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ރީތި ސަރަހައްދެކެވެ. މި ހަރަކާތާއެކު، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ރާއްޖޭގެ ރަށްތަކާއި ފަރުތަކުގެ ދިރުމުގެ މުއްސަނދިކަން ދައްކުވައިދިނެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ މި ހަރަކާތަކީ އެއްބައިވަންތަކަން ދަމަހައްޓައި އާލާކުރުމުގެ އިތުރުން، ކަނޑު ފަޅުގެ ފަތުރުވެރިކަން ދެމެހެއްޓުމުގައި ދުނިޔޭގެ އެންމެ އިސް ގައުމުގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ބާރުވެރި ކޮށްދޭނެ ހަރަކާތެއް ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމާއި ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމަށް އެކުގައި ކުރިއެރުން ހޯދިދާނެކަމުގެ ރަނގަޅު ނަމޫނާއެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.