ވަގަށް ނަގާފައިވާ 109 ސައިކަލު، މިދިޔަމަހު ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން މިދިޔަ ސެޕްޓެންބަރުމަހު ގެއްލިގެން ރިޕޯޓުކުރި ތަކެތީގެތެރެއިން ޖުމްލަ 189 އެއްޗެއް ފުލުހުން ހޯދާފައިވެއެވެ. ފުލުހުން ހޯދި ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި ސައިކަލާއި ފައިސާ ހިމެނެއެވެ. އެގޮތުން 109 ސައިކަލު ހޯދާފައިވާއިރު، އެސައިކަލުތަކުގެ އަގު 6،878،766 (ހަމިލިޔަން އަށްލައްކަ ހަތްދިހަ އަށްހާސް ހަތްސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާއަށް އަރައެވެ.
ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެެރެއިން 588،823 ރުފިޔާ، ފުލުހުން އަނބުރާ ހޯދާފައިވެއެވެ. އެއީ 20 މައްސަލައެއްގައި ހޯދާފައިވާ ފައިސާތަކެއްކަން މި ތަފާސް ހިސާބުން ދައްކައެވެ.
މިދިޔަ މަހު ފުލުހުން ވަނީ 13 ފޯނު ރިކަވާކޮށްފައެވެ. އެ ފޯންތަކުގެ ޖުމްލަ އަގު 154،562 ރުފިޔާއަށް އަރައެވެ. އެހެނިހެން އިލެކްޓްރޮނިކްސްއަށް ބަލާއިރު، 32،300 ރުފިޔާގެ އަގުހުރި އަށް އިލެކްޓްރޮނިކްސް ފުލުހުން ވަނީ ރިކަވާކޮށްފައެވެ. އަދި 39 މައްސަލައެއްގައި ޖުމްލަ 43،115 ރުފިޔާގެ އަގުހުރި އެހެނިހެން ތަކެތި ވެސް ފުލުހުން ވަނީ އަނބުރާ ރިކަވާކޮށްފައެވެ.
މިދިޔަ މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިދިޔަ މަހު ފުލުހުން ވަނީ މާލެ ސަރަހައްދުގެ 27464 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އަދި 1029 ގަޑިއިރާއި 55 މިނެޓު ވަންދެން މާލެ ތެރެ ފައި މަގުގައި ޕެޓްރޯލްކޮށްފައިވެއެވެ.
މީގެ އިތުރުން 5264 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ކުށުގެ ރިކޯޑު އޮތް 4776 މީހުންނާއި ރިކޯޑު ނެތް 488 މީހުންނެވެ. އަދި ބިދޭސީންނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި 1 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުގައި ކޮންމެ އަހަރަކު ވެސް ވައްކަމުގެ މައްސަލަތައް އުޅެނީ އެންމެ ކުރީގައެވެ.