ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށްފަހުވެސް އިސްރާއީލުން މިހާތަނަށް 97 ފަލަސްތީނު ރައްޔިޮތުން މަރާލައި، 230 މީހުންނަށް އަނިޔާކޮށްފައިވާކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ. އަދި މި މުއްދަތުގައި އެއްބަސްވުން 80 ފަހަރު ވަނީ އިސްރާއިލުން ވަނީ ނަގާލާފައެވެ.
ހަމާސްއިން އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެ، އިސްރާއީލުގެ ސިފައިން ވަނީ ގިނަ އަދަދެއްގެ ފަލަސްތީނު މީހުންނަށް ވައިގެ ހަމަލާތައް ދީފައެވެ. ނަމަވެސް ހަމާސްއިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
އިންސާނީ އެހީތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ އިސްރާއީލުން ވަނީ އިއްޔެ ވަގުތީގޮތުން އެހީތައް ފޯރުކޮށްދިނުން ހުއްޓާލާފައެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މަރުވެފައިވާ އަސީރުންގެ ހަށިތައް ހޯދުމަށް ބާރުއެޅުމުގެ ގޮތުން، ފާއިތުވި ދުވަސްތަކުގައި އެހީތައް މަދުކޮށްފައިވެއެވެ.
އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި މަދަނީ ރައްޔިތުން ބަނޑަށް ޖެއްސުމާއި، ޖެނީވާ ކޮންވެންޝަންގެ ދަށުން ފޯރުކޮށްދޭންޖެހޭ އެހީތައް ހުއްޓުވުމަކީ މަނާކަމެކެވެ. އަދި އދ. ގެ ތަޙްޤީޤުތަކުން ދައްކާގޮތުގައި އިސްރާއީލުން ވަނީ ނަސްލު ފޮހެލުމުގެ ކެމްޕޭނެއްގެ ތެރެއިން ބަނޑަށްޖެއްސުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައެވެ.
މި ޢަމަލުތަކުގެ ސަބަބުން ކުޑަކުދިންނަށް ވަނީ ނުހަނު ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ބަނޑުހައިހޫނުކަމާއި، ކުއްލި ނުރައްކަލުގެ ފެންވަރުގެ ކެއުމުގެ މައްސަލަތަކާއި، ކޮލެރާ ފަދަ ބަލިތައް ފެތުރުމުގެ ނުރައްކާ އިތުރުވެ، މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށް އދ. ގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.