މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން އައްޔަންކުރާ ތިން މެންބަރުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. މި ނަންތައް ފާސްކުރީ ކޮމިޝަނަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބުނު ތިން ފަރާތުގެ ގޮތުގައެވެ.
އެންމެ މަތިން މާކްސް ލިބިފައިވަނީ ހ. ޓޫހާޓްސް، މުހައްމަދު ފުރުސަތަށް ކަމަށްވާއިރު، އޭނާއަށް 90.50 އިންސައްތަ މާކްސް ލިބިފައިވެއެވެ. ދެވަނައަށް އެންމެ މަތިން މާކްސް ލިބިފައިވަނީ ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް، ދ. މީދޫ، ބިއްލޫރިވިލާ ސަފާ ޝަފީގަށެވެ. އޭނާއަށް 88.88 އިންސައްތަ މާކްސް ލިބިފައިވެއެވެ. ތިންވަނައަށް އެންމެ މަތިން މާކްސް ލިބިފައިވަނީ ކުރީގެ ބްރޯޑްކޮމް މެންބަރު، ގ. ގޮފި، އައިމިނަތު ސަހާރަތަށް ކަމަށްވާއިރު، އޭނާއަށް 87.88 އިންސައްތަ މާކްސް ލިބިފައިވެއެވެ.
މީޑިއާ ކޮމިޝަނަށް ޖުމުލަ އަށް ފަރާތަކުން ކުރިމަތިލާފައިވާއިރު، އެ ފަރާތްތަކުގެ ތެރެއިން ފަސް ފަރާތަކަށް ލިބިފައިވަނީ 75 އިންސައްތައަށް ވުރެ ދަށުން މާކްސްއެވެ. މިގޮތުން އެންމެ ދަށް މާކްސް ލިބިފައިވަނީ އއ. ތޮއްޑޫ، ފިނިވާގެ، މުހައްމަދު ސާމިނަށް ކަމަށްވާއިރު، އޭނާއަށް ލިބިފައިވަނީ 50.50 އިންސައްތައެވެ.
މީޑިއާ ކޮމިޝަނުގައި ޖުމުލަ ހަތް މެންބަރުން ތިބޭނެ ކަމަށްވާއިރު، އޭގެ ތެރެއިން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުން މިހާރު ވަނީ އައްޔަންކޮށްފައެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވާ ތިން ނަން މަޖިލިހުގެ ތަޅުމަށް ހުށަހަޅައި، އެ ތަނުން ވޯޓަކަށް އަހައި ގޮތެއް ނިންމަން ޖެހޭނެއެވެ.