ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތަކުގެ ސޭލްސް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށްކަމަށް ބަޔާންކޮށް އައު ގަވާއިދެއް ވަރަށް އަވަހަށް ގެޒެޓްކުރައްވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވިގޮތުގައި މިކަމުގެ މަޤްސަދަކީ އެއަރ ޓްރާންސްޕޯޓް ސެކްޓަރގެ ފައިދާ ދިވެހި ވިޔަފާރިތަކަށް ގެނައުމާއި، ދިވެހި އިޤްތިޞާދަށް ކުރިއެރުން ލިބޭނެ މަގުފަހިކުރުމެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އަމީން ވިދާޅުވީ، އެއަރ ޓްރާންސްޕޯޓް ސޭލްސްއާ ގުޅޭ އައު ގަވާއިދު ވަރަށް އަވަހަށް ގެޒެޓްކުރެއްވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށެވެ. އެގޮތުން، މި ގަވާއިދުގެ ދަށުން އެއަރލައިންތަކުގެ ޖެނެރަލް ސޭލްސް އެޖެންޓުން (ޖީ.އެސް.އޭ) އާއި ފަސިންޖަރ ސޭލްސް އެޖެންޓުންގެ އިތުރަށް ކާގޯ ސޭލްސް އެޖެންޓުންގެ ގޮތުގައިވެސް ހަރަކާތްތެރިވެވޭނީ ހަމައެކަނި %100 ދިވެހި ކުންފުނިތަކަށްކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރައްވާ މަސައްކަތެއް ކަމަށާއި، މި ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކުން މިކަމަށް ދިގު އިންތިޒާރެއް ކޮށްފައިވާކަމަށެވެ. އަދި އައު ގަވާއިދުގެ ސަބަބުން ދިވެހި ވިޔަފާރިތައް ކުރިއަރައި، ފުޅާވެގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. މިކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސިނާއަތުން ލިބެންޖެހޭ ވިޔަފާރީގެ އަދި އިޤްތިޞާދީ ފައިދާ އެންމެ އެކަށޭނަ ގޮތެއްގައި ދިވެހި ވިޔަފާރިތަކާއި ރާއްޖޭގެ އިޤްތިޞާދަށް ޚާއްސަ ވާނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން މިހާރުވެސް އަންނަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ކުރިއެރުވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވަމުންނެވެ. އެގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އައު ޓާމިނަލް ހުޅުވުމާއެކު މި ސިނާއަތަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.



