ސިނގިރޭޓު އަޅާފައި ހުރި ކޮންޓެއިނަރެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހެއްގެ ފޮޓޯ، އެ މީހުންގެ ވަނަވަރާއެކު ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ފުލުހުން ބަލަމުން ގެންދާ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރިއަށް ގެންދާ މައްސަލައެކެވެ.
ހުކުރު ދުވަހު ހައްޔަރުކޮށް، ފޮޓޯ އާންމުކުރި މީހުންނަކީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާންދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) އެވެ. އެމީހުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު ވަނީ 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައަކީ މިއަހަރުގެ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓް، އެމް.ޕީ.އެލް ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން މީގެ ކުރިން ހައްޔަރުކުރި، އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުޙައްމަދު ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ޝަރީޢަތަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުރަތަމަ ހަތަރު މީހަކު ފުލުހުން ހައްޔަރުކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ.



