ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި އަނެއްކާ ވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ރޭ ދަންވަރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ރަށުތެރެ ޕެޓްރޯލްކުރަން ނުކުމެ އުޅުނު ފުލުހުން ކަމަށް ވެސް ބުންޏެވެ.
ހުޅުމާލެ ފޭސް އެކަކުން ހައްޔަރުކޮށްފައި ވަނީ ބަންގަލަދޭޝް އަށް ނިސްބަތްވާ އެމްޑީ ރިޔާސް އުއްދީން، ބަންގްލަދޭޝް، 19، އާއި އެ ގައުމުގެ އެމްޑީ އަޝްރަފުލް އަލަމް، 27، ގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ ޔާސިރު ހަމީދު، 24، އެވެ.
ފުލުހުން ބުނި ގޮތުގައި، ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފުލެޓް 100 ކައިރީގައި އެ މީހުން ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވެ އެވެ.
އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ވެސް ފެނިފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



