ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓަރމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓްކޭސްއެއް ފޭރުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ފަތިހު 04:45 ހާއިރުއެވެ. އަދި ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ހަމަ އެ ވަގުތުކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ބޭންކުގެ ދެ މުވައްޒަފުން ޓަރމިނަލް 1 އަށް ވަންނަން ދިޔަ ވަގުތު، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ އެ މީހުންގެ އަތުން ފައިސާ ހުރި ސޫޓްކޭސް ފޭރިގަނެފައެވެ. ފޭރުނު ފައިސާގެ އަދަދާއި، ހާދިސާ ހިނގި ސީދާ ތަނާބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންނެވެ.



