އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓް ވެގެންދާނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ނުފުއްދާ ބާކީހުރި މަޝްރޫއުތައް ފެށޭނެ ބަޖެޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރަށްވެސް، ހުރި ގިނަ ކަންތައްތަކެއް ވީހާވެސް އަވަހަކަށް ނިންމައި ދޭށެވެ.
ރައީސް ވިދާޅުވީ، މިހާރު ބަޖެޓް ހުށަހެޅުމުގެ ވަގުތު އައިސްފައިވާއިރު، މި ހަފްތާ ނިމުމުގެ ކުރިން ގާނޫނުގައި ބުނާގޮތަށް ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހަޅާނެ ކަމަށެވެ. އަދި މި ބަޖެޓްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ރައީސް ވެފައިވާ ވައުދުތަކުގެ ތެރެއިން، މި އަހަރު އަމަލީ ގޮތުން މަސައްކަތް ނުފެށުނު މަޝްރޫއުތަކާއެކު، ދެން ހުރި ވައުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫއަކަށް ޖާގަ ހަމަޖައްސާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ހުށަހަޅާއިރު، ރައްޖޭގައި ހުރިހާ ރަށެއްގައި އަޅުގަނޑުވެފައި ހުރި ވައުދުތަކުގެ ތެރެއިން، މި އަހަރު އަމަލީ ގޮތުން ސޮއިކުރެވިގެން މަސައްކަތް ފެށުނު މަޝްރޫއުތަކުގެ އިތުރަށް، ދެން ހުރި ވައުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫއަކާއެކު މި އަންނަ އަހަރުގެ ބަޖެޓްގައި ޖާގަ އަޅުގަނޑުމެން ހަމަޖައްސާފައި ބަޖެޓް ހުށަހަޅަނީ،” ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، ވައުދުތައް އަމަލީ ގޮތުން ފުއްދުމުގެ މަސައްކަތް ކުރަމުންދާނީ ދެ އަހަރަށް ބަހާލައިގެން ކަމަށެވެ. އެހެންކަމުން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓް ވެގެން ދާނީ ރައްޔިތުންނަށް ވީ ވައުދުތަކުގެ ދެން ބާކީ ހުރި މަޝްރޫއުތައް ފެށޭ ބަޖެޓަކަށް ކަމަށެވެ.



