ޅ. ކުރެންދޫގެ ރައްޔިތުން އެދުނުގޮތަށް، އެރަށާ ކައިރީގައި އޮތް ޅޮސްއަލަފުށި ރަށުގެ ބައެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކުރެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކުރެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. އެހެންކަމުން މި މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.
ރައީސް ވިދާޅުވީ، ރަށުގައި ހައުސިންގ މަޝްރޫއެއް ހިންގަން ބެލިނަމަވެސް ޖާގަ ނެތްކަމަށާއި، މިހާރު އެރަށުގައި ކުރިއަށްގެންދާ 50 ހައުސިން ޔުނިޓަކުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެން ނުދާނެކަމަށެވެ. އެހެންކަމުން، ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުގެ ދަށުން، ޅޮސްއަލަފުށި އެރަށުގެ ބަޔަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ޅޮސްއަލަފުއްޓަކީ ކުރީގެ ސަރުކާރަކުން އެހެން މަޝްރޫއެއްގެ ބޭނުމަށް ހަވާލުކޮށްފައި އޮތް ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެފަރާތުން ދެ ޕާޓީއަކާ އެކު އެގްރިމަންޓް ހަދާފައިވާތީ، ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ދައުލަތަށް ގެއްލުން ނުވާގޮތަށް އެރަށް އަނބުރާ ނަގައި، ކުރެންދޫ ރައްޔިތުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
“އަޅުގަނޑު ވާނީ ރައްޔިތުންނަށް ދަންނަވާފައި މިތާކައިރީގައި އޮތް ޅޮސްއަލަފުށި މިރަށުގެ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދޭނެކަމަށް. އެ މަސައްކަތް ކުރަމުން މިދަނީ،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ ކުރެންދޫއަށް ދިމާވެފައިވާ މައްސަލަތައް ރައްޔިތުން ބޭނުންވާ ގޮތަށް މި ސަރުކާރުން ކޮށްދެއްވާނެކަމަށެވެ. އެގޮތުން ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާއި، މަގުހެދުމުގެ މަސައްކަތް އަދި ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާ ގޮތަށް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.



