ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނޭހެން ޅ. ހިންނަވަރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ހިންނަވަރުގައި ހުއްޓިފައިވާ ހައުސިންގ މަޝްރޫޢު އަވަސްކުރުމުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 100 ހައުސިންގ ޔުނިޓް އެޅުއްވުމަށް ހިމަނުއްވައިދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ. ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް އައިރުވެސް ހިންނަވަރުން ހިއްކި ބިމުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރެވިފައި ނުވެއެވެ. އެހެންކަމުން، އެ ބިމަށް ފެނާއި ކަރަންޓްލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ވިދާޅުވިއެވެ. އަދި ހުއްޓިފައިވާ ހައުސިންގ މަޝްރޫޢު ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ބާރު ދުވެލީގައި ކުރިއަށްގެންދަވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޤައުމީ ޔުނިވަރސިޓީގެ ދަނާލާއި ކެމްޕަސް އެޅުމުގެ މަސައްކަތް އަދި ރަށު ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި އެޑްމިން ބްލޮކްގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން ބިންގާ އެޅުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންގެ މަރުކަޒުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. “ފުލުހުންގެ ޚިދުމަތް ދިނުމަށް ބޮޑު މަރުކަޒެއް އަޅަން މި ފެށުނީ. ވަރަށް މުހިންމުކަމެއް މިފަދަ އާބާދީ ބޮޑު ރަށެއްގައި ރަނގަޅު ފެންވަރުގައި ޚިދުމަތްދެވޭ ފުލުހުންގެ މަރުކަޒެއް ހުރުމަކީ. އަމާންވެށްޓެއް ޤާއިމުކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ.” 5000 އެއްހާ މީހުން ދިރިއުޅޭ ހިންނަވަރަށް މިފަދަ މަރުކަޒެއްގެ ބޭނުން ބޮޑުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން ވެސް ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންނަވަރަށް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަވަސްކުރުމާއި، އަންނަ އަހަރުގެ ބަޖެޓުގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ސްވިމިން ޓްރެކެއް ހިމެނުން ހިމެނެއެވެ.
މީގެ އިތުރުން، ހިންނަވަރުގެ ބަނދަރަށް ބޭނުންވާ ދެ ބަދަލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ބޭރު ތޮށި އުސްކުރުމާއި، ބޭރު ތޮށީގައި އޮޑިދޯނިފަހަރު އެޅޭނެ ގޮތް ހެދުމެވެ.



