ޅ. ނައިފަރުގެ 45 ހެކްޓަރުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީގެ މަހާޖައްރާފް ބޭނުންކޮށްގެންނެވެ. ނައިފަރު ރައްޔިތުންގެ ޒަމާންވީ ހުވަފެނެއް ކަމަށްވާ މި ބިން ހިއްކުމުގެ ސަބަބުން، ބިން ފުރިފައިވާ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި އިޤްތިޞާދީ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ މައްސަލަތަކަށް ޙައްލު ލިބިގެންދާނެއެވެ.
މި ބިން ހިއްކުމުގެ މަޝްރޫޢާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ނައިފަރުގައި ޖުމްލަ 800 ހައުސިން ޔުނިޓް އެޅުމުގެ ބޮޑު މަޝްރޫޢެއް ފެށުމަށް ނިންމަވާފައެވެ. އެގޮތުން، 300 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ރޭގައި ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައެވެ. އަދި އިތުރު 100 ހައުސިން ޔުނިޓްގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. ބާކީ 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް 2027 ވަނަ އަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ގިނަ ޔުނިޓްތަކެއްގައި ނައިފަރު ރައްޔިތުންނަށް ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ.
ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، މި މަޝްރޫޢަކީ ރައްޔިތުންނާ ގުޅިފައިވާ ނައިފަރަށް މުހިންމު މަޝްރޫޢެއް ކަމަށާއި އެންމެ އިސްކަމެއް ދެއްވާނީ މި މަސައްކަތަށް ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނާ ބައްދަލުކުރެއްވި ކޮންމެ ފަހަރަކު ދަންނަވާފައިވާ ކަންކަން އެމަނިކުފާނަށް ރަނގަޅަށް ހަނދުމަފުޅު ހުންނަވާ ކަމަށާއި، ވީ ވައުދުތައް ފުއްދުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ނައިފަރުގައި ބާއްވާފައިވާއިރު، މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުލް މުއްތަލިބެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ އާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޔާސީން ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



